ފަންގިވިނުމަކީ ޒަމާނުއްސުރެން ދިވެހިން ކުރަމުންއައި ވަރަށް ގަދީމީ މަސައްކަތެކެވެ. އެމަސައްކަތް ފެށުގޮތެއްކަމަށް އެގިފައިވަނީ އެދުވަސްރު ގިނަމީހުން ގެދޮރުއަޅާއިރު ފުރާޅާއި ގޭގެ ބިއްތައްހަނދަނީ ދަޑިންގަތާފައި ފަންޖަހައިގެންކަމަށްވާތީއެވެ. މިމާލޭގައިވެސް ފާރުގެބަދަލުގައި މަގުމަތީންފެންނަށް ހުންނަނީވެސް މުޅިންހެން ފަނުންހަދާފައިހުންނަ ފުޅަފެވެ. އެގޮތުން ދަޑިފަނުން ގެދޮރު ޢިމާރާތްކުރުމުން ގޭގެތެރެ ފިނިވުމާއި ހޫނުން ސަލާމަތްވެ ޤައުމުން ލިބޭއެއްޗަކުން ގެދޮރުހެނދުމުން ބޭރުފައިސާ ހޯދަންނުޖެހި އަމިއްލަފުދުންތެރިކަމުގައި އުޅެވުނެވެ. ޒަމާނަށްއައި ބަދަލާއިއެކު ދަޑިފަނުގެ ބިއްތަކާއި ފަންފުރާޅު ދޫކޮށް ގާތަޅައިގެން އުވަދަވައިގެން ފާރުތައް ރާނަންފެށުނެވެ.
ޒަމާނަށްއައި މިދެންނެވިބަދަލާއެކު ފަންގިވިނުމުގެ މަސައްކަތަށް ހީނަރުކަމެއް ލިބިފައިވުމަށްފަހު ހަތްދިހަ ވަނައަހަރު އުފަންވި ޓޫރިޒަމް އިންޑަސްޓުރީ ފެށުމާއިއެކު މިރާއްޖޭގެ އާދަކާދަ ދަށްކުވައިދިނުމުގެ ބޭނުމުގައި ޢިމާރާތްތަކުގެ ފުރާޅުގެ ބޭރުން ފެންނަށް ހުންގޮތަށް ފަންގިއެރުވުމަކީ ދިވެހި ޝަޤާފަތް ދައްކުވައިދިން އެންމެބޮޑު އެއް ދިރުމެވެ. މިހެންވުމުން ނިމެމުންދިޔަ ރާއްޖޭގެ ޤަދީމީ މަސައްކަތެއްކަމަށްވާ ރާއްޖެތެރޭގެ އަންހެންކަބަލުން ފަންގިވިނުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއްލިބުނެވެ. ނަމަވެސް ދިމާވި ހުރަސްތަކާއިހެދި މިއަދުމިވަނީ ޒަމާނުއްސުރެން ރާއްޖެތެރޭގެ އަންހެނުން ކުރަމުންއައި މައިގަޑު އެއް މަސައްކަތްކަމުގައިވާ ފަންގިވިނުމަށް ހުރަސްތަކަކާއި ކުރިމަތިލާފައެވެ.
ޚާއްޞަކޮށް މާލެއިން އުތުރުގެ ގިނަ ރަށްރަށުގައި ކުރަމުންދާ މިމަސައްކަތަށް ލިބޭ އާމުދަނީން ދިރިއުޅުމުގެ ބޮޑުބައެއް ހަމަޖައްސާ ވަރަށްގިނަ ޢާއިލާތައްއުޅޭއިރު އަތޮޅުގައިހިމެނޭ ފަޅުރަށްރަށުން ބިއްމަށްޗަށްވެއްޓޭ ފަންލިބޭނެގޮތެއް ހަމަޖެހުމަކީ ވަރަށްބޮޑުފައިދާއެއް އަތޮޅުގެގިނަ ޢާއިލާތަކަށް ލިބޭނެކަމެއްކަން ވަރަށްގިނަ ރަށްރަށުގެ އަންހެންކަބަލުން ދެކިލައްވައެވެ.
ރަށްފުށުގެ ދިރިއުޅުންބަދަލުވެ ގޯތިތެރޭގައި ރުކެއްއިންދާނެ ޖާގަވެސްނެތިދިއުމާއިއެކު ރަށުގެ ވަލުތެރެއަށް ރުކުންވެއްޓިފައި އޮންނަފަނެއްވެސް ފަސޭހައިންލިބޭނެގޮތެއްނެތުމުގެ އިތުރުން ރަށާއި ޖެހިގެންއޮންނަ ފަޅުރަށުންވެސް ފަނެއްލިބޭނެގޮތެއް މިއަދަކުނެތެވެ. ފަޅުރަށްތައް ލިޔުއްވައިގެންއުޅުއްވާ ރައްވެރިޔާ އަކީ މާލޭގާއި ދިރިއުޅުއްވާ ކޮންމެވެސް ވިޔަފާރިވެރިއަކަށްވާއިރު އަތޮޅުގެ މީހަކަށް އެރަށުންކުރާ އެއްވެސް ފައިދާއެއް ގިނަފަހަރަކަށް ނުވެއެވެ.
ކަންމިހެންހުރުމާއިއެކު މިއަދުގެ ރަށްފުށުގެ ޢާންމު ޙާލަތާއި ގުޅުންހުރި ފަންގިވިނުމުން ޤައުމުގެ އިޤުތިޞޯދުގައި ސާމިލުވާމިންވަރާއި ފަންގިވިނުން ހުއްޓިއްޖެނަމަ އަނެއްކާވެސް ނުލިބިގެން މިއުޅޭ ބޭރުފައިސާއަށް ކުރާނެ އަސަރުގެ ވަރަށްބޮޑެވެ. މިއަދުވެސް ހަނދަމުންދާ ގިނަ އަގުބޮޑު ރިސޯޓުތަކުގެ ފުރާޅުހުންނަނީ ފަންގިއަރުވާފައެވެ. އެހެންކަމުން މާރުކޭޓްގެ އަގަކީ ތިންފޫޓުގެ ފަންގަޑެއް ފަނަރަރުފިޔާކަމަށްވާއިރު ޤައުމުގެ އިކޮނޮމީގައި މިއީ ކިހާވެރެއްގެ ޙިއްޞާއެއްކަން އެނގޭނީ ދިވެހިން ފަންގިވިނުން ހުއްޓި އިންޕޯރޓުކުރަން ފައްޓާހިސާބުންނެވެ.
މިހާރުވެސް ދަޑުވެރިކަމަށް ކުއްޔަށްދޫކޮށްފައި ގިނަ ރަށްތަކެއްވާއިރު ޢަމަލީ މަސައްކަތެއްކުރަމުންގެންދަނީ ތިނެއް ނުވަތަ ހަތަރު ރަށެއްގައެވެ. ހަމައެހެންމެ ބަރާބަރަށްކުލިދައްކަނީ ހައެއްކަ ރަށަކުންނެވެ. ކަންމިހެންހުރިއިރު ސަރުކާރުން އެރަށްތައް ދިގުމުއްދަތަށް ކުއްޔަށްދޫކުރި މަޤުޞަދު ޙާޞިލްނުވެ އަތޮޅުގެ އެއްވެސް ރައްޔިތަކަށް މާލީގޮތުންނާއި ޢިޖުތިމާޢީގޮތުން އެއްވެސް މަންފާއެއްނުކުރާއިރު ޕުރޮވިންސްތަކުން އެކަމަށް އެކަށީގެންވާމިންވަރަށް މަސައްތްކޮށް ސަރުކާރުގެ ސަމާލުކަމަށްގެންދެވާތޯ އަތޮޅުތަކުގެ ރައްޔަތުން ސުވާލު އުފަށްދައެވެ. އެހެންކަމުން ފަޅުރަށް ކުއްޔަށްދޫކުރާއިރު އެރަށްރަށުން ފަންލިބޭނެގޮތެއް ހަމަޖެއްސުމަށް ވިސްނާ ސަރުކާރުން ގޮތްތަކެއްކަޑައަޅައިފިނަމަ އެކަމަކީ ވަރަށްފަސޭހައިން ކުރެވިދާނެކަމެކެވެ. ކުރިއްސުރެފަށައިގެން ފަޅުރަށެއްގެގޮތުގައި މާލޭގެ ބޭފުޅުންނަށް ދޫކޮށްފައިވާ ރަށްތަކުންވެސް ފަންގިވިންނަފަރާތްތަކަށް ފަޅުރަށްރަށުގެ ބިންމައްޗަށްވެއްޓޭ ފަންލިބޭނެގޮތެއް ހައްދަވާދެއްވުމަކީ އަތޮޅުތަކުގެ ވަރަށްގިނަބައެއްގެ މިއަދުގެ އުއްމީދެކެވެ.
No comments:
Post a Comment